What we’ve been upto

What we’ve been upto

  • June 3, 2019

ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ‘ޔޫތު ޕަރސްޕެކްޓިވްސް’ ކޭމްޕްތައް ފުރިހަމަކޮށް ނިމުން.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވަރކްއިން 2019 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމް ތަކުގެ ތެރެއިން ހިންގި ޔޫތު ކޭމްޕް ތަކަކީ ޒުވާން ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިއީ ޔޫ.އެން.ޑީ.ޕީ ގެ އެހީއާއެކު ހިންގާފައިވާ ކޭމްޕް ތަކެކެވެ. ކޮންމެ ކޭމްޕެއްގެ މުއްދަތަކީ 3 ދުވަހެވެ. ފުރަތަމަ 2 ދުވަހު ކޭމްޕްގައި ކިޔަވައިދިނީ ޑިމޮކްރެސީ، އިންސާނީ ހައްޤުތައް އަދި ޚާއްސަކޮށް އަންހެނުންގެ ހައްޤުތައް ހިމެނޭ ބައިތަކެކެވެ. 3 ވަނަ ދުވަހު ކިޔަވައިދިނީ ސޯޝަލް މީޑިއާގެ ކެމްޕެއިންތައް ތައްޔާރުކުރުމެވެ.

ކޮންމެ ކޭމްޕެއް ފެށިގެން ދަނީ ހެޔޮވެރިކަމާއި ޑިމޮކްރެޓިކް އުސޫލުތައް އަދި ސުލްޙަވެރި މުޖުތަމައެއް އުފެއްދުމުގެ މައްޗަށް އަލިއަޅުވާލައިގެންނެވެ. މި ޕްރެޒެންޓޭޝަންތައް ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ކުރިއަށް ގެންދެވުނުއިރު، ކޭމްޕްތަކުގެ ދެވަނަ ދުވަހުން ފެށިގެން ސޯޝަލް މީޑިއާ ކެމްޕޭންތައް ހިންގުމަށް ބޭނުންވާ ބައެއް ހުނަރުތައް، ޑިޖިޓަލް ޓެކްނޯލޮޖީގެ މާހިރެއް މެދުވެރިކޮށް ކޭމްޕްގެ ބައިރވެރިންނަށް ސެޝަންތައް ހިންގާފައިވާނެއެވެ.

ކޭމްޕްގެ މައިގަނޑު މަގްސަދަކީ، ޑިމޮކްރެޓިކް އުސޫލުތަކާއި އިންސާނީ ހައްޤުގެ ހަމަތަކަށް ޒުވާނުން އަހުލުވެރިކުރުވާ، ޚާއްސަކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިންތީގެ ހަމަހަމަކަމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމުގެ މުހިއްމުކަން އަދި ސުލްޙަވެރިކަމާއި އެކުވެރިކަން އާލާކުރުމަށް މަސައްކަތްކުރުމެވެ. ކޭމްޕްތަކުގެ ބައިވެރިންނަކީ އެކި ފަންތީގެ، އަދި އެކި އުމުރުގެ ބައިވެރިންނަށް ވީތީ ކޭމްޕްގައި ދެކެވުނު ވާހަކަތަކުގައި ތަފާތު ޚިޔާލުތައް އެކުލެވުނުކަން ފާހަގަ ކުރެވުނެވެ. ކޭމްޕްތައް ނިމުނުއިރު ކޭމްޕްގެ ބައިވެރިންގެ ފަރާތުން ސޯޝަލް މީޑިއާ ކެމްޕޭންތަކަށް ބޭނުންކުރެވޭފަދަ މެސެޖާއި ވީޑިއޯތައް ފުރިހަމަކޮށްފައިވެއެވެ.

ކޭމްތައް ނިމުނުއިރުގައި، ހަމަހަމަކަމާއި، ގަނާކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި ސުލްޙަވެރި، އަނިޔާވެރިކަމާ ދުރުހެލި މުޖުތަމައެއް ބިނާކުރުމަށް ޒުވާނުން ބޭނުންވާކަމާއި އެފަދަ ބަދަލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގިނަ ޚިޔާލު ފާޅުކޮށްފައިވާކަން އުފަލާއެކު ފާހަގަކުރެވެއެވެ.

މިފަދަ މުހިއްމު މަސައްކަތްތައް ހިންގުމަށްޓަކައި ޔޫ.އެން.ޑީ.ޕީ އިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް އެމް.ޑީ.އެން އިން ޝުކުރު އަދާކުރަމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގުމަށް އެކި ފަރާތްތަކުގެ އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރަމެވެ.

_____________________________________________________________________
ނިމުނީ.

Categories: Press Release