Press Release: A misery prolonged – Rilwan’s family deprived of justice for eight years (Dhiv)

Press Release: A misery prolonged – Rilwan’s family deprived of justice for eight years (Dhiv)

  • August 7, 2022

ނޫސްބަޔާން

އޮގަސްޓް 8 ,2022

ދިގުދެމިގެންވާ އަނިޔާއެއް – ރިލްވާންގެ އާއިލާއަށް 8 އަހަރުދުވަހުންވެސް އިންސާފު ނުލިބުނު

އަނިޔާވެރި ގޮތަކަށް އަޙްމަދު ރިލްވާން އަބްދުﷲ ގެއްލުވައިލައި، އޭނާގެ އާއިލާ އާއި ރަހުމަތްތެރިންގެ ކިބައިން ރަހީނުކުރިތާ 8 އަހަރު ދުވަސް ވެއްޖެއެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި އިންތިހާބުކުރި އައު ސަރުކާރުން މި ޖަރީމާ ތަހުގީގުކުރުމަށްޓަކައި މަރުތަކާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރާ ކޮމިޝަން އުފައްދަވައިފައި ވީނަމަވެސް، އިންސާފު ހޯދައިދިނުމަކީ ސިޔާސީ ވެރިން މާބޮޑަށް ފަހަތައް ޖައްސައިލާފައި އޮތް ހިޔާލެއް ކަމުގައި ގަބޫލުކުރެވެއެވެ.

މަޝްހޫރު ލިޔުންތެރިއެއްގެ ގޮތުގައި ރިލްވާން، އިޖުތިމާއީ ތަފާތު އެތައް ކަންތައްތަކާ ބެހޭގޮތުން ލިޔުނެވެ. އެގޮތުން ކޮރަޕްޝަން، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް، ގޭންގު ކުށްތައް އަދި ޖަނަވާރުންގެ ހައްގުތަކާ ގުޅޭ މައުލޫތަކުގެ މައްޗަށް އޭނާގެ ލިޔުންތަކުގައި އަލިއަޅުވައިލާފައިވެއެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން ރިލްވާންގެ ނަން ވިދައިލީ ގޭންގުތަކާއި، ދީނީގޮތުން ހައްދުފަހަނައަޅައިފައިވާ ފިކުރު އަދި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި ސިޔާސީ ވެރިންނާއި ހުރި ގުޅުންތައް ހާމަކުރަން ފެށުމުންނެވެ.

ރިލްވާން ވަގަށްނެގި މައްސަލައިގައި 2018 ވަނަ އަހަރުގައި ޝަރީއަތުން މިނިވަންކޮށްފައިވާ ދެމީހުންގެ މައްސަލަ އަދިވެސް ދައުލަތުން އިސްތިއުނާފު ކޮށްފައެއް ނުވެއެވެ. މަރުތަކާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރާ ކޮމިޝަނުން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި މިމައްސަލައާ ގުޅުންހުރި ތިން މީހަކު ހައްޔަރުކޮށްފައިވާކަން މިޖަމްއިއްޔާއިން ފާހަގަކުރަމެވެ. 

މިމައްސަލައާ ގުޅުންހުރި މީހުންގެ ތެރެއިން ހެއްކަށް އަސަރު ފޯރުވާ، ހެކިވެރިންނަށް ބިރުދެއްކޭފަދަ، ބާރުވެރި ގުޅުންތައް ހުރި މީހުން 8 އަހަރު ވަންދެން ތަހުގީގާ ދުރުގައި އުޅެން ދޫކޮށްފައި ތިބިކަމާއި ފުރިހަމަ 3 އަހަރު ދުވަސް ވާންދެން ސަރުކާރުން އެކަން ދޮގުކޮށްފައި އޮތްކަމީ އެއްގޮތަކަށްވެސް ބަލައިގަނެވުނު ކަންތައްތަކެއް ނޫނެވެ. މީގެ އިތުރުން، ރިލްވާން ގެއްލުވައިލުމަށް ފައިސާ ހަރަދުކުރި މީހުންނާއި އެކަން ރާވައި ހިންގި ފަރާތްތައް ހޯދައި، ތަހުގީގުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމަކީ މިފަދަ ޖަރީމާތަކުގެ މައިގަނޑު މައްސަލައަށް ވާސިލުވުމުގެ ސިޔާސީ ވިސްނުމެއް ނެތްކަން ހާމަކޮށްދޭ ކަމެކެވެ. 

ރިލްވާންގެ އާއިލާގެ ނާޖާއިޒު ސިޔާސީ ބޭނުން ހިފުން ހުއްޓައިލައި، ހުޅުވައިލެވިފައިވާ މިނިވަން ޝަރީއަތެއްގައި އެމައްސަލަ އިސްތިއުނާފުކުރުމަށް މިޖަމްއިއްޔާއިން ސަރުކާރާއި ދައުލަތަށް ގޮވާލަމެވެ. ރިލްވާންގެ އާއިލާއަށް އިންސާފު ނުލިބުމަކީ ދިވެހިރާއްޖޭގައި ސަރުކާރަށް ފާޑުކިޔާ މީހުންނަށް އޮތް ނުރައްކައުތެރި މާހައުލަށް ފަހިކޮށްދޭ ބާރެކެވެ.

ނިމުނީ.

Categories: Press Release